މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ މޭޔަރު އާދަމް އާޒިމުގެ މަސައްކަތްތަކަށް ދޭނީ 100 އަކުން ސުމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް ނިންމާލުމާ ގުޅިގެން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިސްކިތްތައް ރޯދަ މަހަށް ނިމިފައި ވާކަމަށެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލުން މާލޭގެ މޭޔަރުގެ ބެލުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ އާލްސާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގެ މަސައްކަތް ނިންމާނުލެވުނު ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.
”މިރޭވެސް ހުޅުމާލެ ރައްޔިތުން އާލްސާނީ (ގުއްބު މިސްކިތުގައި) ތަރާވީޚް ނަމާދު ކުރީ މިސްކިތުގެ ނެވިލޯނު އަޅާ ނުނިމެނީސް.“ ޝުޖާއު ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ޝުޖާއު ވިދާޅުވީ މާލޭގެ ބޮޑު މަގެއްގައި މި ސަރުކާރުން ތާރުއަޅާ ނިންމާލީ އެންމެ 68 ދުވަހުން ކަމަށެވެ. ނަމަވެސް މޭޔަރު އާޒިމަށް އެއް އަހަރު ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ މިސްކިތެއްގައި ޓައިލްސް ޖަހައި ނެވިލޯނު ނޭޅުނު ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި ކުރިއަށް އޮތް އިންތިހާބުގައި މިކަންކަމާ މެދު ރައްޔިތުން ވިސްނުމަށް ޝުޖާއު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަތަރު މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
އެގޮތުން ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީކޮށް އާއްމުންނަށް ހުޅުވާލާފައިވާ މިސްކިތްތަކަކީ ފުރުޤާން މިސްކިތް، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތެވެ.



