ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ދުނިޔޭގެ އިޖުތިމާއީ އަދާލަތު“ގެ ދުވަހާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މިދުވަސް ފާހަގަކުރާއިރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާ އެކުގައި ކަމަށާއި، މިއީ ރާއްޖޭގެ ހާލަތަށް ބަލާއިރު ކިހާ މުހިންމު ދުވަހެއްކަމާމެދު ވިސްނާލަންޖެހޭ ކަމަށެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އަސްލު ބޭނުމަކީ، ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި، އިންސާނީ ކަރާމާތާއި، އަދި ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާއި، އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމާއި، އަދި އަތްފޯރާފަށުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، އެކަށީގެންވާ މަސައްކަތްތަކުގެ ތެރެއިން އިންސާފުވެރި އިގްތިސާދު ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ސަރުކާރުން ބާރުއަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމާން އަދި އުންމީދީ މުސްތަގުބަލެއް ބިނާކުރުމުގެ ބާރުވެރިކަން ހޯދައިދިނުމަށްޓަކައި، ތައުލީމާއި ހުނަރު ތަރައްގީކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ވަނީ ވަސީލަތްތަކުގެ ފަރަގުތަކާއި ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުގެ އަޒުމަކަށް ބަދަލެއް ނާންނާނެކަން ހާމަކުރައްވާފައެވެ. އެގޮތުން އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިކަމާއި، އަދި އެންމެންގެ ޒިންމާދާރުކަމާ އެކު، ހުރިހާ ރައްޔިތުންނަށްޓަކައި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމުގައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



