މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ.
ފުލުހުން ބުނި ގޮތުގައި، އިމްތިޔާޒު އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 13 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި އުޅެނިކޮށެވެ. އޭނާ ގެއިން ބޭރަށް ދިޔަ ފަހުން އެއްވެސް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރުއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
އިބްރާހީމް އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.




