ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް، ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް މުސްލިމުން ވަނުމަށް ޔަހޫދީ އިސްރާއީލުން ހުރަސްއަޅައިފިއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް އެތަކެއް ހާސް މުސްލިމުން އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަންނަން މަސައްކަތް ކުރުމުން، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ އެކަމަށް ހުރަސްއަޅައި ދަތިތަކެއް ކުރިމަތިކުރުވާފައެވެ.
ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ފަހުން ހާމަކޮށްފައިވާ ގޮތުގައި، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން އަޤްޞާ މިސްކިތަށް ވަނުމުގެ ޖާގަ ދެވޭނީ ފަހަރަކު 10,000 މީހުންނަށެވެ. އަދި މި ފުރުޞަތު ދިނުމަށް ނިންމާފައިވަނީ ހަރުކަށި އުސޫލުތަކެއްގެ ދަށުން، ހަމައެކަނި 12 އަހަރުން ދަށުގެ ކުޑަކުދިންނަށާއި، 55 އަހަރުން މަތީގެ ފިރިހެނުންގެ އިތުރުން 50 އަހަރުން މަތީގެ އަންހެނުންނަށް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އަޤްޞާ މިސްކިތް ކައިރީގައި ގިނަ އަދަދެއްގެ ޗެކްޕޮއިންޓުތައް ޤާއިމުކޮށްފައެވެ. މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މިއަދުގެ ހުކުރު ނަމާދަށް މިސްކިތުގެ ގޯތިތެރެއަށް ވަނުމުގެ ފުރުޞަތު ލިބިފައިވަނީ ގާތްގަނޑަކަށް އެންމެ 2,000 މުސްލިމުންނަށެވެ.
މިއީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ 3.3 މިލިއަން މުސްލިމުންނާ އަޅާބަލާއިރު ނިސްބަތުން ވަރަށް މަދު އަދަދެކެވެ.
މީގެ ކުރީ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް އާންމުކޮށް 250,000 އަށްވުރެ ގިނަ މީހުން އަޤްޞާ މިސްކިތަށް ޖަމާވެއެވެ. ނަމަވެސް 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށްފަހު ބައިތުލްމަޤްދިސަށް އަތްގަދަކޮށްފައިވާ ޔަހޫދީން ދަނީ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގައި، މުސްލިމުންގެ އަޅުކަންކުރުމުގެ ޙައްޤަށް ހުރަސްއަޅަމުންނެވެ.
އަޤްޞާ މިސްކިތުގެ ޙުރުމަތް ކަނޑައި، މުސްލިމުންނަށް އަނިޔާވެރިވުން އިތުރުވެފައި މިވަނީ، ހުޅަނގު އައްސޭރީގެ ފަލަސްޠީނު ބިންތައް ފޭރިގަތުމުގެ މަސައްކަތް އިސްރާއީލުން އަނެއްކާވެސް ފުޅާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ފަލަސްޠީނުގެ ބިންތައް ޔަހޫދީންނަށް ރަޖިސްޓްރީކުރެވޭ ގޮތަށް އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން ވަނީ އެ ދަޢުލަތަށް އަމާޒުވެފައެވެ.



