ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކެންޑިޑޭޓުން ވަނީ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ޖަގަހަ ހުޅުވައިދެއްވިކަމަށްޓަކައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އެ ޕާޓީން މިހާރުވެސް ވަނީ އިންތިޚާބަކާ ނުލައި 70 ގޮނޑި ކަށަވަރުކޮށްފައެވެ.
އޭގެ ތެރޭގައި ކައުންސިލްތަކުގެ ރައީސުންގެ ގޮނޑިތައްވެސް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ 80 އިންސައްތަ ގޮނޑި ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށެވެ.
”ޕީއެންސީ ފެންނަނީ އެއް ދުވަހަށްވުރެ އަނެއް ދުވަހެއް ހަލުވި ދުވެލީގައި ކުރިއަށްދާ މަންޒަރު،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވާދަވެރިންގެ ފަރާތުން ސާފު އެޖެންޑާއެއް ނުވަތަ އިޚްލާސްތެރި ނިޔަތެއް ފެންނާކަށް ނެތެވެ. ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓުން ނުކުމެ ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ހަޤީޤަތަކަށް ހެދުމުގެ ހަޤީޤީ ރޫޙެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދެއްކެވި އެހެން މިނިސްޓަރުންވެސް ވަނީ ރައީސް މުޢިއްޒުގެ ތަރައްޤީގެ ތަސައްވުރު ތަންފީޒުކުރުމުގައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޕީއެންސީން އަންނަނީ މި އިންތިހާބަށް ވަރަށް ވަރުގަދަ ކެމްޕެއިން ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގަމުންނެވެ.



