ދިވެހިރާއްޖެ އިގުތިސާދީ ގޮތުން ދަރަނިވެރި ކުރުވީ ކުރީގެ އެމްޑީޕީ ސަރުކާރުން ކަމަށާއި، ކުރިއަށް އޮތް އިންތިހާބުތަކުގައި އެ ޕާޓީއަށް ވޯޓު ދިނަސް ކަންކަން ކުރާނީ ކުރިން ވެސް ކުރި ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ޝަރަފުވެރި ކޮށްދެއްވި މި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން މަސައްކަތްކުރާ އެމްޑީޕީގެ އިސް ސަފުން އަދިވެސް ފެންނަނީ ކުރީގެ ސަރުކާރުގައި އިގުތިސާދަށް ގެއްލުން ދިން ބޭފުޅުން ކަމަށެވެ.
”އަނެއްކާވެސް މުޅިން އަލަށް ދިރިގެން މުޅިން އަލަށް ތާޒާކަން އިހުސާސް ވެގެން ހަމަ އެއް ބައެއް ނުކުމެ މި ބުނަނީ ތިމަންނަމެންގެ އެބައޮތޭ މާ މޮޅު ގޮތެއް. ހަމަ އެއްކަލަ އިބްރާހިމް މުހައްމަދު ސޯލިހު، އެއީ އޭރު ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅާ. ކުރީ ސަފުން އެއްވެސް ބަދަލެއް ވެސް ނާދޭ،“ މިނިސްޓަރު ވިދާޅުވި އެވެ.
އިގުތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި 200 މިލިއަން ޑޮލަރު ދެ މިލިއަން ޑޮލަރަށް ދަށްކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރިޒާވްގައި ހުރީ އެންމެ 15 ދުވަހުގެ ކާބޯތަކެތި ގަނެވޭނެ ފައިސާ ކަމަށާއި، ނަމަވެސް މިހާރު ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެމްޑީޕީން ދޫކުރީ ކަނޑު އަޑިން ދީފައިވާ ”ހިޔާލީ ގޯތިތަކެއް” ކަމަށާއި އެއީ 20 ނުވަތަ 30 ފޫޓު ފުންމިނުގައި ހުރި ތަންތަން ކަމަށާއި ނަމަވެސް ރައީސް މުއިއްޒު އެ ހިޔާލީ ގޯތިތައް ހަމަ ބިމަށް ގެނެސް ރައްޔިތުންނަށް ދޫކުރަމުންދާ ކަމަށެވެ.
މިއީ ޕީއެންސީއަށް ވޯޓު ދޭންޖެހޭ ބޮޑު އެއް ސަބަބު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ މިހާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓެއް ހޯދުން ކަމަށާއި، އެފަދަ ބަޔަކަށް ކައުންސިލް އިންތިހާބު ކާމިޔާބު ކޮށްދީފި ނަމަ އެ މީހުން މަސައްކަތް ކުރާނީ ހަމަ އެކަމަށް ކަމަށް ސައީދު ވިދާޅުވިއެވެ.



