މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 104.8 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 221,796,366 ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 108,263,248 ރުފިޔާއެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ފައިސާ ހޯދުމަށް 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަން ފެށި މި ޓެކުހަކީ، ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރުގެ ރޭޓުން ނަގާ ޓެކުހެކެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ނަގަނީ 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާވަނީ ހަމައެކަނި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ސަރުކާރުން ބޭނުންކުރަނީ ރަށްރަށުގެ ތިމާވެއްޓާ ގުޅުންހުރި މުހިންމު މަޝްރޫއުތަކަށެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް ފަދަ ތިމާވެށީގެ އެކި މަސައްކަތްތައް ހިމެނެއެވެ.
ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 5 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަށް 227,198 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 153,824 ފަތުރުވެރިންނެވެ.
މީގެ އިތުރުން 59,813 ފަތުރުވެރިން ގެސްޓްހައުސްތަކުގައި، 6,008 ފަތުރުވެރިން ހޮޓާތަކުގައި އަދި 4,942 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.




