އެމެރިކާ އިން އަލުން ހަނދަށް ދިއުމަށް ކުރިއަށް ގެންދާ ’އާޓެމިސް‘ މިޝަންގެ އާ ދަތުރު އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް އެ ގައުމުގެ ޖައްވީ އިދާރާ، ނާސާ އިން ހާމަކޮށްފިއެވެ.
މި މިޝަންގެ ދަށުން ހަނދަށް ވާސިލުވުމަށް އެމެރިކާއިން މަސައްކަތް ކުރާތާ މިހާރު ގިނަ އަހަރުތަކެއް ވެފައިވާއިރު، އެކި ސަބަބުތަކާ ހެދި މިކަން ވަނީ މީގެ ކުރިން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ.
ނާސާ އިން ބުނި ގޮތުގައި މިހާރު އަމާޒު ހިފާފައި އޮތީ ހަނދަށް ފޮނުވާ ކްރޫ އަންނަ މަހުގެ 6 ހިސާބުގައި ފުރުވައިލުމަށެވެ. ’އާޓެމިސް 2′ މިޝަންގެ ދަށުން މި ފަހަރު ކްރޫން ފުރުވައިލުމަށް ތައްޔާރުވަމުންދަނީ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުގައެވެ.
ނާސާ އިން ބުނީ މި ފަހަރުގެ ތައްޔާރީތައް ވަރަށް ފުރިހަމަ ކަމަށާއި، މި މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
މި ދަތުރުގައި ބައިވެރިވާ ޓީމުގައި ހަތަރު އެސްޓްރޮނޯޓުން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވިކްޓާ ގްލޯވާ (49 އަހަރު)، ރީޑް ވައިސްމަން (50 އަހަރު)، ޖެރެމީ ހެންސެން (50 އަހަރު) އަދި ކްރިސްޓީނާ ކޮޗް (47 އަހަރު) އެވެ. މި ޓީމުގައި އަންހެން އެސްޓްރޮނޯޓަކު ވެސް ހިމެނޭއިރު، މި ޓީމު ނާސާ އިން އިއުލާންކޮށްފައިވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
ނާސާ އިން ބުނި ގޮތުގައި އާޓެމިސް 2 މިޝަން ކާމިޔާބުވެއްޖެ ނަމަ، އެއީ ތިން ވަނަ މިޝަނަށް ހުޅުވޭ ފުރުސަތެކެވެ. އަދި އެ އަމާޒާއެކު 2028 ވަނަ އަހަރު ހަނދަށް ލޭންޑް ކުރެވޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އެމެރިކާ އިން އެންމެ ފުރަތަމަ ހަނދަށް ދިޔައީ 1969 ވަނަ އަހަރުއެވެ. އެ ޝަރަފު ލިބުނު ފުރަތަމަ އެސްޓްރޮނޯޓަކީ 2012 ގައި މަރުވެފައިވާ ނީލް އާމްސްޓްރޯންގެވެ. އެމެރިކާގެ އިތުރުން ޗައިނާ އިން ވެސް އަންނަނީ 2030 ގެ ކުރިން ހަނދަށް ދިއުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.




