ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު މާދަމާ ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މި ތިން ވޯޓަށްވެސް ރީ-ރަޖިސްޓަރވުމުގެ މުއްދަތު ހަމަވާނީ މާދަމާ މެންދުރުފަހު 3:00 އަށެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުތަކުގައި ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ރީ-ރަޖިސްޓަރވުމަށް މިމަހުގެ 10 ވަނަ ދުވަހު ހުޅުވާލިއިރު، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ޚިޔާލު ހޯދުމުގެ ވޯޓަށް ރީ-ރަޖިސްޓަރވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ރީ-ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ ’ރީ-ރަޖިސްޓްރޭޝަން ޕޯޓަލް‘ ނުވަތަ ’މައި ޕޯޓަލް’ މެދުވެރިކޮށް އޮންލައިންކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއާއި ލައިވް ފޮޓޯއެއް ހުށަހަޅަންޖެހެއެވެ. ނަމަވެސް، ވެރިފައިޑް އީފާސް އެކައުންޓެއް މެދުވެރިކޮށް ’މައި ޕޯޓަލް‘ އިން ހުށަހަޅާނަމަ ފޮޓޯ ނުވަތަ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން ނަގާ މި ވޯޓަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ލާޒިމުކުރާ ވޯޓެކެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިޞްލާޙެއް ތަޞްދީޤު ކުރެވޭނީ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ބައިވެރިވި މީހުންގެ އަޣުލަބިއްޔަތު އެ އިޞްލާޙަކަށް ލިބިއްޖެނަމައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، މި ޚިޔާލު ހޯދުމުގެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން، ވޯޓުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ވޯޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.




