ފަލަސްތީނުގެ ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރި ވަގުތީ އިތުރު މިސްކިތެއްގެ މަސައްކަތް ނިންމައި، އެ މިސްކިތުގައި ނަމާދުކުރަން ފަށައިފިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ ޚިދުމަތް ޖަމިއްޔާއިން ބުނި ގޮތުގައި، މިއީ ދިވެހީންގެ ދީލަތި އެހީގައި ޣައްޒާގައި ބިނާކުރި ހަތްވަނަ ވަގުތީ މިސްކިތެވެ.
ޚިދުމަތް ޖަމިއްޔާއިން ބުނީ މި މިސްކިތުގެ އަމަލީ މަސައްކަތް ނިންމައި، ރޭގެ ވަގުތެއްގައި އެތަނުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ޣައްޒާގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ނަމާދު ކުރުމުގެ އިތުރުން، މި މިސްކިތުގައި ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި ޣައްޒާގައި ކުރަމުންދާ މަސައްކަތްތަކަކީ ނުހަނު ބުރަ އަދި ނުރައްކާތެރި މާހައުލެއްގައި ކުރާ މަސައްކަތްތަކެކެވެ. ނަމަވެސް، އެ ޓީމުން ދަނީ ކޮންމެ ދުވަހަކު ވެސް ހިތްވަރާއެކު އިންސާނީ ޚިދުމަތުގައި ދެމިތިބެ، ދިވެހީންގެ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.
”މިއީ ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ބާއްވާ ގާތްކަމާއި، އިސްލާމީ އުޚުއްވަތްތެރިކަން ދައްކުވައިދޭ މަތިވެރި ނަމޫނާއެއް،“ ޚިދުމަތް ޖަމިއްޔާއިން ބުންޏެވެ.
ޚިދުމަތް ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކަކީ ހާމަކަން ބޮޑު މަސައްކަތްތަކެއް ކަމަށާއި، އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ މަންސަތައް މެދުވެރިކޮށް ހުރިހާ ހަރަކާތްތަކެއްގެ އަޕްޑޭޓްތައް ދުވަހުން ދުވަހަށް އާންމުންނަށް ފެންނާނެހެން ހިއްސާކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ޣައްޒާގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 835 މިސްކިތް އެއްކޮށް ސުންނާފަތިކޮށްފައިވާއިރު، 180 މިސްކިތަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ދީފައެވެ.
މިކަމުގެ ސަބަބުން މި ރޯދަމަހު ވެސް ޣައްޒާގެ ގިނަ ރައްޔިތުންނަށް ނަމާދު ކުރަން ޖެހިފައިވަނީ ސުންނާފަތިވެފައިވާ ބިމުގެ މަތީގައި ނުވަތަ މިފަދަ ވަގުތީ މިސްކިތްތަކުގައެވެ.




