ގެއްލިގެން ހޯދަމުންދިޔަ ސ. މަރަދޫ، އިބްރާހީމް އިމްތިޔާޒް ޢަލީ ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި އިމްތިޔާޒް ވަނީ މިރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައެވެ.
އިމްތިޔާޒް ގެއްލިގެން ހޯދަން ފަށާފައިވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވަނީ ފެބްރުވަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރު ކަމަށެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިމްތިޔާޒް ޢަލީ އެންމެ ފަހުން ފެނިފައިވަނީ ފެބްރުއަރީ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އާއިލާ މެންބަރަކަށެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް އާއިލާއަށް ލިބިފައިނުވާތީ ފުލުހުން ވަނީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.
އިމްތިޔާޒް މިރޭ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާއިރު، އޭނާ މިވީ މުއްދަތުގައި އުޅުނު ތަނެއް ނުވަތަ ޚަބަރެއް ނުވެ ދިޔަ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.



