ދ. އަތޮޅާއިފ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ދޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
މި ދެ އަތޮޅުގައިވެސް އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ފ. އަތޮޅާއި ދ. އަތޮޅުގެ އެތެރޭގެ ރަށްތަކުގެ މެދުގައި ކުރާ އެއްކޮޅު ދަތުރެއްގެ އަގަކީ 35 ރުފިޔާއެވެ. އަދި ދެކޮޅު ދަތުރަކަށް އެންމެ ގިނަވެގެން ދައްކަން ޖެހޭނީ 130 ރުފިޔާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން، ފ. އަތޮޅާއި ދ. އަތޮޅާ ދެމެދުގައި ދަތުރުކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަގުތައްވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން ދެ އަތޮޅު ދެމެދު ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 130 ރުފިޔާއެވެ. އަދި ދެކޮޅު ދަތުރެއްގެ އަގަކީ 300 ރުފިޔާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ދާދި ފަހުން ރ. އަތޮޅުގައިވެސް ވަނީ އާރްޓީއެލްގެ ހިދުމަތް ފަށާފައެވެ. މިއާއެކު ރާއްޖޭގައި އާރްޓީއެލްގެ ހިދުމަތްދޭ އަތޮޅުތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 15 އަށް އަރާފައެވެ.



