މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް ފުލުހުން ދީފައިވާ މުހުލަތު މިއަދަށް ހަމަވާނެ ކަމަށާއި، މާދަމާއިން ފެށިގެން އެފަދަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާނެކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކުގެ އިތުރުން ’އޭ‘ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށާނެކަން ފުލުހުން އެންމެ ފުރަތަމަ އިޢުލާން ކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ފުލުހުން ބުނިގޮތުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް، މި މަހުގެ 22 ވަނަ ދުވަހުގެ 23:30 ގެ ކުރިންނަގައި ހުސްކުރަން ޖެހޭނެއެވެ. އެ މުހުލަތު ހަމަވުމަށްފަހު ގަވާއިދާ ހިލާފަށް ހުންނަ އުޅަނދުތައް ޓޯކޮށް، ފުލުހުން ކަނޑައަޅާ ވަކި ސަރަހައްދަކަށް ގެންދެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، އުޅަނދުތައް ޓޯކޮށްގެން ގެންދިއުމުގެ ތެރޭގައާއި، ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ”ފުލުހުންގެ ހިދުމަތުން ޒިންމާ ނުވާނެ”ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި ޓޯ ކުރެވޭ އުޅަނދުތައް އަނބުރާ ގެންދިއުމާއި، އެހެން ތަނަކަށް ބަދަލުކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.




1 Comment
މާލެ މަގުތަކުން ސައިކަލެއް މަދެއް ވާނެބާ !!!!
ނަޫނީ ހުސް ކާރުބާ މަދުކުރާނީ😂😂😂