ރަމަޟާން މަހާ ދިމާކޮށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ އޮފީސްތަކުގެ ޤުރުއާން މުބާރާތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރެއެވެ.
މުބާރާތުގެ ކިޔެވުން ކުރިއަށްދަނީ ކިންގް ސަލްމާން މިސްކިތުގައެވެ. ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކުރިއަށްދާ މި މުބާރާތް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މިއަދު ހެނދުނު ފެށި ފުރަތަމަ ދަންފަޅީގައި ޖުމްލަ 23 ބައިވެރިން ވަނީ ކިޔަވާފައެވެ. އޭގެ ތެރޭގައި އައިލެންޑް އޭވިއޭޝަން، އެންސްޕާ، ކްރިމިނަލް ކޯޓު، އެޗްޑީސީ އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ވާދަކުރާ މުވައްޒަފުން ހިމެނެއެވެ.
ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ހާމަކުރާ ގޮތުގައި، މި މުބާރާތުގެ މައިގަނޑު މަގުސަދަކީ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމުގެ ރޫހު އާލާކޮށް، ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމެވެ.
އޮފީސްތަކަށް ހާއްސަކޮށްގެން މި މުބާރާތް ބާއްވަން ފަށާފައިވަނީ 2016 ވަނަ އަހަރުގައެވެ.




