މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 11 އަތޮޅެއްގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން މަޢުލޫމާތު ދޭ ގޮތުގައި މާލޭ ސަރަޙައްދުގެ 12 ސްކޫލެއްގެ ކްލާސްރޫމްތަކުގައި މިހާރު ވަނީ އޭސީ ހަރުކޮށް ނިންމާފައެވެ.
މީގެ އިތުރުން ދަރުމަވަންތަ ސްކޫލާއި ރެހެންދި ސްކޫލްގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާއިރު، ހުރަވީ ސްކޫލްގެ 30 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޣާޒީ ސްކޫލްގައި އޭސީ ހަރުކުރުމަށް ބޭނުންވާ ސަރވޭތައް މިހާރު ވަނީ ނިންމާފައެވެ.
އަތޮޅުތަކުގެ މަސައްކަތްތަކަށް ބަލާއިރު، ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ. އައްޑޫ ސިޓީ، ފ. އަތޮޅު އަދި ދ. އަތޮޅުގެ ސްކޫލްތަކުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ގދ. އަތޮޅުގެ 40 އިންސައްތަ އަދި ގއ. އަތޮޅުގެ 10 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައެވެ. ޅ. އަތޮޅުގެ 5 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކ، އއ، އދ އަދި ވ. އަތޮޅުގެ ސްކޫލްތަކުގައި މަސައްކަތް ފެށުމަށްޓަކައި ދިރާސާތައް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން ބައެއް ސްކޫލްތަކުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރަންޖެހޭތީ، އެ މަސައްކަތްތައްވެސް ފެނަކައިން ދަނީ ކުރަމުންނެވެ. ކްލާސްތަކާއި ސްޓާފްރޫމްތަކުގެ އިތުރުން، މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރުމަށް ވަނީ ރޭވިފައެވެ.
”ކޫލް ސްކޫލް“ މަޝްރޫޢަކީ ދަރިވަރުންނާއި މުދައްރިސުންނަށް އުނގަންނައިދިނުމުގައި ކުރިމަތިވާ ހޫނުގެ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 2024 ޖޫން މަހު ފެށި މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއް އޭސީކޮށް ނިންމުމެވެ.




