މިދިޔަ ޖަނަވަރީ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %30 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ޖަނަވަރީ މަހުގެ އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ ޖުމްލަ އަދަދަކީ 180,421,663 ޑޮލަރެވެ.
މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބުނު 125,885,592 ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ޖަނަވަރީ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީ-ޖީއެސްޓީ) އާއި އިންކަމް ޓެކްސްގެ އިތުރުން އެއާޕޯޓު ފީތަކެވެ.
ޑޮލަރުން ލިބުނު އާމްދަނީ:
- ޓީ-ޖީއެސްޓީ: 79 މިލިޔަން ޑޮލަރު
- އިންކަމް ޓެކްސް: 37 މިލިޔަން ޑޮލަރު
- ލޭންޑު އެކިއުޒިޝަން އެންޑު ކޮންވާޝަން ފީ: 17 މިލިޔަން ޑޮލަރު
- ގްރީން ޓެކްސް: 14 މިލިޔަން ޑޮލަރު
- އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 12 މިލިޔަން ޑޮލަރު
- ޑިޕާޗަރ ޓެކްސް: 11 މިލިޔަން ޑޮލަރު
މި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ގްރީން ޓެކްސްއަށެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުރީ އަހަރާ އަޅާބަލާއިރު ދެ ގުނައަށް އިތުރުވެފައެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާބަލާއިރު %37 އިތުރު އަދަދެކެވެ.



