ސްރީލަންކާގެ ކޮލަމްބޯގައި މިމަހު ފެށުމަށް ހަމަޖެހިފައިވާ ”ފުޓް ވެއަރ އެންޑް ލެދާ ފެއަރ 2026″ ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
މި މަޢުރަޒަކީ ފައިވާނާއި ބޫޓުގެ އިތުރުން ޖަނަވާރުގެ ހަމުން އުފައްދާ ތަކެއްޗަށް ޚާއްޞަކޮށްގެން ސަރަޙައްދީ ފެންވަރުގައި ބާއްވާ ބޮޑު މައުރަޒެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށް ސްރީލަންކާގެ ސަރުކާރުން އެ ވުޒާރާއަށް މިހާރު ޙިއްސާކުރައްވާފައިވާ ކަމަށެވެ. މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މާކެޓްތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައެވެ.
މި މަހުގެ 27 އިން ފެށިގެން މާރިޗު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަޢުރަޒަކީ ކޮންމެ އަހަރަކުވެސް ސްރީލަންކާގައި ފުޓް ވެއަރ އެންޑް ލެދާ ދާއިރާއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މިއަހަރު ބާއްވަނީ މި މަޢުރަޒުގެ 16 ވަނަ އެޑިޝަނެވެ. މިއީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން މި މައުރަޒުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.




