މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެސްޓީއޯ ސުޕަމާޓުން އޮރެންޖު ކިލޯއެއް ލިބެން ހުރީ އެންމެ 40 ރުފިޔާއަށެވެ.
މިއީ އާންމު ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑުތަނުން ހެޔޮ އަގެކެވެ.
މިއަހަރުގެ ރަމަޟާން މަހު މާލޭގެ ބާޒާރުގައި އެންމެ ތަދު މޭވާގެ ގޮތުގައި ފާހަގަކުރެވުނު އޮރެންޖު ލިބުން އިންތިހާއަށް ދަތިވެ، ބައެއް ފިހާރަތަކުގައި އޮރެންޖެއްގެ އަގު މިހާރު ވަނީ 12 ރުފިޔާއާއި 15 ރުފިޔާއާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ. ނަމަވެސް އެސްޓީއޯގެ އައުޓްލެޓްތަކުން އޮރެންޖު ވިއްކަމުންދަނީ ކިލޯއެއް 40 ރުފިޔާ އަށެވެ. މި އަގުގައި ގަންނަނަމަ އޮރެންޖެއްގެ އަގު ޖެހެނީ ގާތްގަނޑަކަށް 6 ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނެފައިވަނީ ރަމަޟާން މަސް ނިމުމާ ހަމައަށްވެސް އޮރެންޖެއްގެ އަގު 6 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ. މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގިނަ ގޮޅިތަކުންނާއި ބާޒާރުމަތީގެ ފިހާރަތަކުން އޮރެންޖު ހުސްވެފައިވީ ނަމަވެސް، އެސްޓީއޯ ސުޕަމާޓުން އަދިވެސް ހެޔޮ އަގުގައި އޮރެންޖު ލިބެން އެބަހުއްޓެވެ.
އޮރެންޖަކީ ދިވެހިން ރޯދަ ވީއްލާ ގަޑީގައި ފަނި ގިރުމަށާއި، އަދި ސިއްހީ އެކި ބޭނުންތަކަށް ވަރަށް ބޮޑަށް ބޭނުންކުރާ މޭވާއަކަށް ވުމުން، ބާޒާރުގައި އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެސްޓީއޯގެ މި ނިންމުމަކީ އާންމުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
އެސްޓީއޯއިން ވަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 26 ބާވަތެއް ވިއްކާނެ ރީޓެއިލް އަގުތައް ޢާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މޭވާ: ދޮންކެޔޮ ކިލޯއެއް 30ރ، އާފަލު ކިލޯއެއް 40-42ރ، ކަރާ ކިލޯއެއް 17ރ، އަދި ލުނބޯ ކިލޯއެއް 22ރ.
- ތަރުކާރީ: ފިޔާ ކިލޯއެއް 12ރ، އަލުވި ކިލޯއެއް 14ރ، ކެރެޓް ކިލޯއެއް 37ރ، އަދި ލޮނުމެދު ކިލޯއެއް 35ރ.
- އެހެނިހެން: ބިހެއް 2ރ، މުގު ކިލޯއެއް 42ރ، އަދި ކާށި ކިލޯއެއް 25ރ.
ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރަށް އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް އެސްޓީއޯ އިން ހެޔޮއަގުގައި ވިއްކަން ފަށާފައިވަނީ 15 އޮކްޓޫބަރު 2025 ގައެވެ.
އެސްޓީއޯއިން އާންމުކުރި މި އަގުތައް މިހާރު އޮންލައިންކޮށްވެސް ބަލައިލެވޭނެއެވެ.




