ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީއަށް ހާއްސަ ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ހުޅުވާލައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މަގާމަށް ހޯދަނީ ކުޅުދުއްފުށިން 20 މީހުން އަދި ތިނަދޫން 10 މީހުންނެވެ. އެ މީހުންގެ މުސާރައަކީ 17,175.00ރ. އެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުމާއި، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުން ހިމެނެއެވެ. އަދި އިސްކޮޅުގެ ގޮތުން ފިރިހެނެއް ނަމަ 5 ފޫޓް 3 އިންޗި، އަދި އަންހެނެއް ނަމަ 5 ފޫޓް ހަމަވާންޖެހެއެވެ. މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ފާއިތުވި ފަސް އަހަރު ތެރޭގައި ކޮށްފައިނުވުމާއި، މަސްތުވާތަކެތީގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވެފައި ނުވުމަކީ ވެސް ލާޒިމް ޝަރުތުތަކެކެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ފިޒިކަލް ފިޓްނަސް ޓެސްޓާއި، ފެތުމުގެ ޓެސްޓުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް އަދި އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓަށް ބަލާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނޭ ބަޔަކަށް ވެގެން ނުވާނެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދޭ ފޯމާއި، ކުށުގެ ރެކޯޑު ބަލާ ފޯމާއި، ތައުލީމީ ސަނަދުތަކުގެ ކޮޕީ އަދި ތިން މަސް ނުވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ލައިސަންސް އޮތް ނަމަ އޭގެ ކޮޕީއާއި ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ އެކަމުގެ ލިޔުންތައް ވެސް ހުށަހަޅަން ޖެހޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާރިޗް 5 ވަނަ ދުވަހުގެ 13:00 އާ ހަމައަށް، އެ ދެ ސިޓީގެ ފުލުހުންގެ ރިސެޕްޝަނުންނެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 13:00 އަށެވެ.




