އެސްޓޯނިއާގެ 108 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލްގެ އިތުރުން އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްޓޯނިއާގެ ރައްޔިތުންނަށް ކުރިއަށް އޮތް އަހަރަކީ ބާއްޖަވެރި އަދި ފާގަތި އަހަރަކަށްވުމަށް އެދިވަޑައިގެންފައެވެ.
އަދި ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އޮތް ގާތް ގުޅުން މިވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، މި ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޑިޖިޓަލް ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އެސްޓޯނިއާއަށް ކުރެއްވި މި ދަތުރުފުޅުގައި، ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާ ކުރިއެރުވުމަށް އެ ޤައުމުގެ އެހީތެރިކަން ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށާއި، ރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްއާ ދެމެދުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
އެސްޓޯނިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހެވެ.




