އިންޑިއާގެ ޖާކަންދު ސްޓޭޓުން ފުރައިގެން ވެރިރަށް ނިއު ދިއްލީއަށް ދަތުރުކުރި އެއާ އެމްބިއުލާންސެއް ވެއްޓި، އޭގައި ތިބި ހަތް މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ބަލިމީހަކު ގޮވައިގެން ރާންޗީ އިން ދިއްލީއަށް ދަތުރުކުރަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި އެއާ އެމްބިއުލާންސް ވެއްޓިފައިވަނީ ޖަންގަލީގެ ސަރަހައްދަކަށެވެ. މި ހާދިސާގައި އުޅަނދުގައި ތިބި އެންމެން މަރުވެފައިވާއިރު، މިއީ ރެޑްބާޑް އެއާވޭސް އިން އޮޕަރޭޓްކުރާ ބީޗްކްރާފްޓް ސީ90 މަރުކާރުގެ އުޅަނދެއް ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން (ޑީޖީސީއޭ) ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އުޅަނދު ވެއްޓުމުގެ ކުރިން އޭގެ ސިގްނަލް ގެއްލި، މުއާސަލާތީ ގުޅުން މުޅިން ކެނޑިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ހާދިސާ ކަމާބެހޭ ފަރާތްތަކުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބަލިމީހާގެ އިތުރުން މެޑިކަލް ޓީމާއި ފްލައިޓް ކްރޫއިން ހިމެނެއެވެ.




