ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އާއި އަލުވީގެ އަގުތައް ބޮޑުތަނުން ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އެސްޓީއޯއިން ބުނިގޮތުގައި މި ބަދަލަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، އާންމުކޮށް ކެއްކުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ކުޑަކޮށް ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީވެސް މި ބަދަލުގެ ބޭނުމެކެވެ.
އެސްޓީއޯއިން އަގުތަކަށް ގެނައި ބަދަލަށް ބަލާއިރު، ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު ވަނީ 250 ރުފިޔާއިން 190 ރުފިޔާއަށް ތިރިކޮށްފައެވެ.
އަލުވީގެ އަގަށް ގެނައި ބަދަލަށް ބަލާއިރު، ކުރިން 14 ރުފިޔާއަށް ލިބުނު އަލުވި ކިލޯއެއް މިހާރު ލިބޭނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން 160 ރުފިޔާއަށް، ބޮޑުތަނުން ހެޔޮކޮށްފައެވެ.
އެސްޓީއޯއިން ބުނީ ކާބޯތަކެތީގެ އަސާސީ ބާވަތްތައް ރައްޔިތުންނަށް ދަތިކަމެއް ނެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އާންމުންނަށް ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަތަކުން މި ތަކެތި ލިބެން ހުންނާނެއެވެ.
މީގެ އިތުރުން، ވިޔަފާރިވެރިންނަށާއި ގަނޑުކޮށް ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން މި ބާވަތްތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.



