ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް އަމަލުކުރެވެމުންދާ އުސޫލެކެވެ. އަދި ވެރިކަމުގެ ނިޒާމުގެ ހަމަޖެހުމާއި ތަރައްގީއާއި ސިޔާސީ ނިޒާމުގެ މަޞްލަޙަތުގެ ނަޒަރުން ބެލިޔަސް މިއީ ރަނގަޅު ނިންމުމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވަނީ މި ވިސްނުމާއެކު ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ވަނީ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ފާސްކޮށްފައެވެ. ނަމަވެސް މި ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިހާރު ވަނީ ނިންމަވާފައެވެ.
މި ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ރައްޔިތުންނާ ހުށަހެޅޭނެ ސުވާލަކީ، ”ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“ މިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން މި ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވަނީ އަންނަ އެޕްރީލު މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިންވެސް އިއުލާނު ކޮށްފައިވާ ތާރީހެވެ.




