އެމްބިއުލަންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން ރާއްޖެ ގެނައި 56 އެމްބިއުލަންސް ރަށްތަކަށް ފޯރުކޮށްދީ ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރާއްޖެއަށް 56 އެމްބިއުލަންސް ގެނައުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.
މި އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފެށީ 17 ޖަނަވަރީ 2026 ގައެވެ. އަދި މި މަސައްކަތް އެ ކުންފުނިން އެއްކޮށް ފުރިހަމަކޮށްފައިވަނީ 14 ފެބްރުވަރީ 2026 ގައެވެ.

އެމްޕީއެލްއިން ބުނިގޮތުގައި 56 އެމްބިއުލަންސްގެ ތެރެއިން އެއް އެމްބިއުލަންސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ދީފައިވާއިރު، ބާކީ 55 އެމްބިއުލަންސް ފޯރުކޮށްދީފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްތަކަށެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް ހިމެނެއެވެ.
އެމްބިއުލަންސްތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ދުއްވުމާއި، މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މަޢުލޫމާތު އެމްޕީއެލްގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލަންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށްވެސް އެކުންފުނިން އެހީތެރިވެދީފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ، ކުރިއަށް އޮތް ތަނުގައި ހެލްތު މިނިސްޓްރީއާއެކު ސަރވިސް ކޮންޓްރެކްޓެއް ހަދައި، އެމްބިއުލަންސްތައް ސަރވިސްކުރުމާއި، ބޭނުންވާ ސްޕެއަރ ޕާޓްސް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްއިން ކުރުމަށް މަޝްވަރާކުރަމުން ދާކަމަށެވެ.



