މަސްތުވާތަކެތީގެ ވިޔަފާރިން މަންފާ ހޯދާ މީހުންނަށް، ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކަށް ނިސްބަތްވާ މީހަކަށް 75 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން، ފުލުހުންނާއި ޕްރޮސިކިއުޓަރުން ކުރެއްވި މަސައްކަތަށް ސާބަސް ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ޑްރަގްގެ ވިޔަފާރިކޮށް ދިވެހި ޒުވާން ޖީލުތައް ފަނާކޮށް އާއިލާތައް ބިކަކުރަމުން، އެއިން މަންފާ ހޯދާ ބަޔަކަށް އަދުގެ ސަރުކާރުން އެއްވެސް ދުލެއް ނުދޭނެ ކަމަށެވެ.
މި މައްސަލައިގައި 75 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޢަބްދުލްބާސިޠު (28 އަހަރު) ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2024 އޭޕްރީލް 27 ގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ވަނީ ބޮޑު ހުކުމެއް އައިސްފައެވެ.
ފުލުހުން ފުވައްމުލައް ސިޓީގައި ހިންގި މި އޮޕަރޭޝަންގެ ތެރެއިން، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ނެޓްވޯކަކާ ގުޅުންހުރި 174 މީހުން ވަނީ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެ ތެރެއިން 188 މައްސަލައެއް ތަހުގީގުކޮށް، 78 މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ސަރުކާރުން މިހާރު ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، މިފަދަ ވިޔަފާރިކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައިވާ އެންމެ ހަރުކަށި އަދަބު ކަމަށްވާ މަރުގެ އަދަބުވެސް ދެވޭ ގޮތަށް ހަމަޖައްސާފައެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 500 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ 11 ތަނެއް ވަނީ ބަންދުކޮށްފައެވެ.
މިދިޔަ އަހަރު ނިމުނުއިރު މަސްތުވާތަކެއްޗާ ގުޅޭ 600 އަށްވުރެ ގިނަ މައްސަލަ ތަހުގީގުކުރަމުންދިޔައިރު، އޭގެ ތެރެއިން 335 މައްސަލައެއް ވަނީ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ.
މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި، މި ވިޔަފާރީގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.



