ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޚާއްސަ ތަރާވީހެއް މާދާމާ ރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، ރައީސް ބައިވެރިވެވަޑައިގަންނަވާ މި ޚާއްސަ ތަރާވީސް އޮންނާނީ މާދަމާ ރޭ 9:30 ގައި މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
އެ ޕާޓީން ވަނީ ޕީއެންސީގެ ހުރިހާ މެންބަރުންނަށާއި، އެ ޕާޓީއަށް ތާއީދުކުރައްވާ ހުރިހާ ރައްޔިތުންނަށް މި ތަރާވީހުގައި ބައިވެރިވުމަށް އާންމުކޮށް ދައުވަތު އަރުވާފައެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން ޕާޓީގެ ލީޑަރޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ޕާޓީން ދެކެއެވެ.

ޕީއެންސީން މިހާރު ދަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ރާއްޖޭގެ އެކި ކޮޅުތަކުގައި ފުޅާކޮށް، ޕާޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް މެންބަރުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ޝުޢޫރުތައް އަޑުއެހުމަށް އެ ޕާޓީން އަންނަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ.



