ދެކުނު އޭޝިއާ ސަރަޙައްދުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ވިޔަފާރި މައުރަޒު ކަމަށްވާ ”ސަޓޭ“ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ.
މި މައުރަޒު ކުރިއަށް ދަނީ މިއަދުން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގެ ޔަޝޯބޫމީ ކޮންވެންޝަން ސެންޓަރުގައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، މި މަންސަ މެދުވެރިކޮށް ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ މުއްސަނދިކަން ގިނަ ބަޔަކަށް ދައްކާލާ، އިންޑިއާ އަދި ދެކުނު އޭޝިއާ ސަރަޙައްދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
މިއީ ދުނިޔޭގެ ބާޒާރުތަކާއި ސިނާޢަތުގެ އިސް ފަރާތްތަކާ ބައްދަލުވެ، ވިޔަފާރީގެ ދާއިރާގައި ރާއްޖެ ކުރިއެރުވުމަށް އައު ފުރުޞަތުތައް ހޯދުމަށް ފަހި މާޙައުލަކަށް ވާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ މަޤާމު ދެމެހެއްޓުމުގައި ސަޓޭ މުހިންމު ދައުރެއް އަދާކުރާއިރު، މިއަހަރުގެ ފެއަރގައި 50 އަށްވުރެ ގިނަ ޤައުމުން 2,100 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. މި ފެއަރގައި ވިޒިޓް މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން ކޯ-އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެފައިވެއެވެ.
އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް މާކެޓެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން 2024 ވަނަ އަހަރު 130,800 ފަތުރުވެރިން އަދި 2025 ވަނަ އަހަރު 131,625 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މި ތަފާސްހިސާބުތަކުން ހާމަވަނީ އިންޑިއާގެ ބާޒާރު ދެމެހެއްޓެނިވި ގޮތުގައި ކުރިއަރައިގެންދާ ކަމާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެ ބާޒާރުގެ މުހިންމުކަން ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.



