ސަރުކާރާ ދެކޮޅު ސިޔާސީ ވިސްނުމުގެ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ރާއްޖޭގެ 57 ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ނުފެށި ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އާޓިފިޝަލް ބީޗުގައި ޕީއެންސީން ރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ތެރެއިން ދިމާވާ ދަތިތައް ނައްތާލުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތްތައް ފެށިފައިވާއިރު، ބައެއް ރަށްތަކުގައި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ ޕްރޮޖެކްޓުތައް ކުރިއަށް ނުގޮސް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިއަދު އަޅުގަނޑު ހިސާބުތައް ބަލާލިއިރު، 57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބިން ހަވާލުނުކުރުމުގެ ސަބަބުން މި 57 މަޝްރޫއު ނުފެށި އޮތީ ސީދާ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ. މިއީ އެންމެ މިސާލެއް ކަމަށާއި، ކައުންސިލްތަކުން ހުރަސް އެޅުމުގެ ސަބަބުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ބާރު ސްޕީޑުގައި ގެންދިއުމަށް އެތައް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އިހުލާސްތެރިކަމާ އެކު ކަމަށާއި، އެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.




