ޕާކިސްތާނުން އަފްޣާނިސްތާނަށް ތަކުރާރުކޮށް ހަމަލާ ދެމުންދާތީ، އޭގެ ބަދަލުހިފުމުގެ ގޮތުން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ޕާކިސްތާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
މި ހަމަލާތަކުގައި ޕާކިސްތާނުގެ އެތައް ސިފައިންނެއް މަރާލައި، ބައެއް ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް އަފްޣާނިސްތާނުން ވަނީ ބުނެފައެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ އަސްކަރިއްޔާއިން ތަކުރާރުކޮށް ހަމަލާދެމުން ދާތީ ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތަކާއި ޑޫރާންދް ލައިންގައި ހުންނަ ޕާކިސްތާނުގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށެވެ.
”ޕާކިސްތާނުގެ އެތައް ސިފައިންނެއް ވަނީ މަރާލާފައި. ސިފައިންގެ 10 މީހެއްގެ ހަށިގަނޑު ކުނާރު އަދި އެހެން ބައެއް ޕްރޮވިންސްތަކަށް ވަނީ ގެންގޮސްފައި. ބައެއް ސިފައިން ޒަހަމްވެފައި ވާއިރު އެހެން ބައެއް މީހުން ވަނީ އަފްޣާނިސްތާނުގެ އަތްދަށުގައި،“ މުޖާހިދު ވިދާޅުވިއެވެ.
މި ކުރިމަތިލުންތައް ހިނގަމުންދަނީ ދެ ގައުމު ގުޅޭ 2,611 ކިލޯމީޓަރުގެ ދިގު ބޯޑަރު ނުވަތަ ޑޫރަންދް ލައިން ސަރަހައްދުގައެވެ. ޕާކިސްތާނުން އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި 70 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބުނި ނަމަވެސް، އަފްޣާނިސްތާނުން ބުނަނީ އެ ހަމަލާތަކުގައި މަރުވީ އާންމު ރައްޔިތުން ކަމަށެވެ.
އަދި އެ ހަމަލާތައް އަފްޣާނިސްތާނުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވަނީ އަފްޣާނިސްތާނުން އިސްވެ ދިން ހަމަލާތަކަށް އެކަށީގެންވާ ރައްދު ދީފައިވާނެ ކަމަށެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެ ގައުމަށް ހަމަލާދޭން އަފްޣާނިސްތާނުގެ ބިން ބޭނުންކުރާއިރު، އެކަން ހުއްޓުވުމުގައި ތާލިބާން ސަރުކާރު ވަނީ ފެއިލްވެފައެވެ.
އަދި ޕާކިސްތާނުން ދިން ހަމަލާތަކަކީ އެ ގައުމުގެ ޝިއައީ މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށްވެސް އެ ގައުމުން ބުނެއެވެ.



