މި އަހަރު އޮލިމްޕަސް ސިނަމާގައި އެޅުވި ފުރަތަމަ ފިލްމު ކަމަށްވާ ”ޕަރީ ޗެޕްޓާ 1“ ގެ ދެވަނަ ބައި ”ޕަރީ ޗެޕްޓާ 2″ އަންނަ އެޕްރީލް މަހުގައި އަޅުވަން ނިންމައިފިއެވެ.
މި ފިލްމް ރިލީޒްކުރާ ތާރީޚު އިއުލާން ކުރީ އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި ވަނީ ”ޕަރީ: ޗެޕްޓާ 2″ ފަސްޓްލުކް ޕޯސްޓަރުވެސް ދައްކާލައިފައެވެ.
މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް، ހޫދު އިބްރާހިމްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއަކަށް ކުރިމަތިވާ ބިރުވެރި އަދި ނާމާން ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމުގެ ފުރަތަމަ ބަޔަށް ވަނީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ކަމަށްވާ އައިޝަތު ރިޝްމީ، ޝީލާ ނަޖީބު އަދި ޖުމައްޔިލް ނިމާލެވެ. މީގެ އިތުރުން މަރިޔަމް ލަމްޝާ ކިޔާ ކުޑަ އަންހެން ކުއްޖަކު ވެސް މި ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ.
”ޕަރީ: ޗެޕްޓާ 1“ އޮލިމްޕަހުގައި އެޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. އޮލިމްޕަހުގައި އެންމެ ފަހުން ދެއްކީ ޖެނުއަރީ 28 އިން މި މަހުގެ 15 އާ ހަމައަށް ތާވަލުކުރި ފިލްމު ’ދޯދި‘ އެވެ.
”ޕަރީ“ ގެ ދެވަނަ ބަޔާއެކު އަލުން ބިރުވެރި ފިލްމެއްގެ ފޯރި އޮލިމްޕަހަށް އަންނާނެ ކަމަށް ބެލެވެއެވެ.




