މާލޭގައި މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ކުރަމުންދާ ޖުމްހޫރީ މައިދާނާއި، ސަލްޓަން ޕާކު އަދި ސުނާމީ ބިނާ ސަރަޙައްދުގެ މަސައްކަތްތައް ކުރިއަށް އޮތް ޢީދު ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ހައުސިންގ މިނިސްޓަރުކަމާއި މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ތަރައްޤީކުރި ތަންތަން ފަހަކަށް އައިސް ބެލެހެއްޓުމެއް ނެތި ވީރާނާވެފައިވާ ކަމަށެވެ.
ޚާއްޞަކޮށް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އެތަންތަން އަޅާނުލެވި ހުރުމުގެ ސަބަބުން، ސަރުކާރުން މިހާރު ވަނީ އެތަންތަން އަލުން އާބާތުރަފިލުވައި ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށާފައެވެ.
ޖުމްހޫރީ މައިދާނުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެތަނުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، އަމާޒަކީ ޢީދު ދުވަހަށް އެއްކޮށް ނިންމާލުން ކަމަށެވެ. މީގެ އިތުރުން ސަލްޓަން ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް މަރާމާތުކޮށް ޒަމާނީ ބަދަލުތަކާއެކު ޢީދަށް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. ސުނާމީ ބިނާ މައިޒާންވެސް މި މުއްދަތަށް ނިންމުމަށް ވަނީ ރޭވިފައެވެ.
”މިއީ ކައުންސިލުން ކުރަންޖެހޭ ކަންކަން. މިއީ ނުކޮށް ހުރި ކަންކަން. ސަލްޓަން ޕާކު އޮތީ ވީރާނާވެފައި، ޖުމްހޫރީ މައިދާން އޮތީ ހަލާކުވެފައި. ރަސްފަންނު ހަލާކުވެފައި، ސުނާމީ ބިނާ، މިއީ ކުރިން ރީތިކޮށް ހަދާފައި ހުރި ތަންތަން. ނަމަވެސް ކައުންސިލުން ޒިންމާ އަދާ ނުކުރުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް، ދިރިއުޅޭ ރައްޔިތުންނަށް އިހާނެތިކަން ލިބުނީ،“ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްފަންނުގެ އާބާތުރަފިލުވުމުގެ މަސައްކަތް އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ދަނީ ކުރިއަށެވެ. އެމްޓީސީސީން ފެން ހިންދާ ނިޒާމާއި ބޭރު ތޮށި މަރާމާތު ކުރަމުންދާއިރު، އެމްޑަބްލިޔުއެސްސީން ދަނީ ރަސްފަންނު ޕެވީލިއަން އާއި ފާޚާނާ ބަރި ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި ރަސްފަންނުގެ މަސައްކަތްތައް މާރިޗު މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.




