އަންނާން އޮތް ޒަމާންތަކުގައި ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށްވާނީ ދިވެހި ތާރީޚު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ތާރީޚު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްފެ ޕޯސްޓުގައި ވިދާޅުވީ، މާޒީއާއި ގުޅޭގޮތުން އަޑުއިވިފައިވާ ވާހަކަތަކުގެ އެންމެ ޖުމްލައަކުން ނުވަތަ ކާބަފައިންގެ ޒަމާނުން ފެންނަން ހުރި އެންމެ ތަސްވީރަކުން އަދި މިއަދު ފެންނަން ހުރި ޤަދީމީ އެންމެ އާޘާރަކުންވެސް އެތައް ހާސް ވާހަކައެއް ކިޔައިދޭ ކަމަށެވެ. އަދި އެފަދަ ކޮންމެ ކަމަކުން އަދުގެ ޖީލަށް މަގު ދައްކައިދެނީ ޙަޔާތުގެ އެތައް ޢިބުރަތަކާއި ޙިކްމަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ތާރީޚުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހީން މި ވަޠަނުގައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެކަން ބުނެދިނީ ދިވެހި ތާރީޚު ކަމަށެވެ. އަދި އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި ކުރިއަށް އޮތް ޖީލުތަކަށް ދިވެހިރާއްޖެ ފޯރުކޮށްދިނުމުގައި ތާރީޚަކީ އެންމެ ވަރުގަދަ ބިންގާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޤައުމީ ތާރީޚު ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ތާރީޚާއި ސަޤާފަތް އަދި އާދަކާދަތަކަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކޮށް، ދިވެހި ތާރީޚު ކުރިއަރުވައި ދެމެހެއްޓުމެވެ.



