ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ރެޖިސްޓާޑް ނަރުހުން ހޯދުމަށް އެ ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ނަރުހުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
މި އިއުލާނުގެ ދަށުން އެ ހޮސްޕިޓަލަށް ބޭނުންވަނީ ދާއިމީ ނުވަ ނަރުހުން ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި މަގާމަށް ހޮވޭ ނަރުހުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން ރާވައި ހިންގުން ހިމެނެއެވެ. މީގެ އިތުރުން ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނާސިން ކެއާ ފޯރުކޮށްދިނުމާއި، ދެވޭ ހިދުމަތްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުން ހިމެނެއެވެ.
އަދި ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ބަލިން ރައްކާތެރިވުމާއި ފަރުވާއާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި، ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ ބަލިމީހާގެ ހާލަތު ބަދަލުވަމުންދާ ގޮތް ބެލުމަކީވެސް ނަރުހުންގެ ޒިންމާއެކެވެ. މީގެ އިތުރުން ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވޭ ފަރުވާގެ ރެކޯޑުތައް ބަލަހައްޓައި އަދާހަމަކުރަން ޖެހޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.
މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އަހަރުގެ މާރިޗް މަހުގެ ހަތަރު ވަނަ ދުވަހުގެ 13:00 އަށް ހަމަވާނެއެވެ. އަދި މަގާމަށް އެދި ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ ސީއެސް ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.



