ބ. އަތޮޅުގައި ހިމާޔަތްކޮށްފައި އޮންނަ ހަނިފަރު ބޭ ސަރަހައްދާ ކިލޯމީޓަރެއްހާ ދުރުމިނުގައި އޮންނަ ދަރަވަންދޫގެ ބައެއް ހިއްކަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
މި ޚަބަރު ފެތުރިފައިވަނީ ހަނިފަރު ބޭއާ އެންމެ ގާތުން އޮންނަ ދަރަވަންދޫގެ ސޯލާ ޕެނަލްތައް ހަރުކޮށްފައި އޮންނަ ފަޅު ހިއްކަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ”އަދަދު“ ނޫހުގައި ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވީ، ދަރަވަންދޫ ހިއްކުމާ ގުޅޭގޮތުން ފެތުރެނީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.
”މިއީ ރަނގަޅު ވާހަކައެއް ނޫން. 2025 ވަނަ އަހަރުގެ މެދުތެރޭގައި ޕްރިލިމިނަރީ ކޮންސެޕްޓެއް ބެލި ނަމަވެސް، ބ. ދަރަވަންދޫގައި ބިންހިއްކުމުގެ އެއްވެސް މަޝްރޫއަކަށް ހުއްދަ ދީފައެއް ނުވޭ،” މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެފަދަ މަޝްރޫއެއް އޮތް ނަމަ ރަށު ކައުންސިލާ އެކު ރަސްމީކޮށް މުއާމަލާތް ކުރެވޭނެ ކަމަށާއި، މިހާތަނަށް އެއްވެސް މަޝްރޫއެއް ފާސްކޮށް، ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވެސް ވަނީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ދަރަވަންދޫ އެއާޕޯޓުގެ ފެސިލިޓީތައް އަޕްގްރޭޑްކޮށް، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ ރަނގަޅުކޮށްގެން ފަސިންޖަރުންނަށް ލިބޭ ހިދުމަތްތައް ފުޅާކުރުން ކަމަށެވެ.
ހަނިފަރު ބޭއަކީ ކޮންމެ އަހަރަކު 200 އެއްހާ ފެހުރިއްސާއި އެންމަޑި ޖަމާވާ، ދުނިޔޭގެ ރެކޯޑުތަކުން ޖާގަ ހޯދާފައިވާ ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދާ ކައިރިން ބިން ހިއްކުމަކީ ތިމާވެށީގެ ތަޖުރިބާކާރުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. މީގެ ކުރިން ދޮންފަނު ހިއްކަން މަސައްކަތް ކުރި އިރުވެސް، އޭގެ ނުރަނގަޅު އަސަރު ހަނިފަރަށް ކޮށްފާނެތީ ތަޖުރިބާކާރުން ވަނީ އިންޒާރު ދީފައެވެ.
ސަރުކާރުން ބުނެފައިވަނީ ތިމާވެށީގެ ގޮތުން ނާޒުކު މިފަދަ ސަރަހައްދުތަކަށް ގެއްލުންވާނެ ފަދަ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާނެ ކަމަށެވެ. އަދި މިހާރު ފެތުރެމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.



