އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުން މިއަދު އީރާނަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާއިން ވެސް ބައިވެރިވާން ފަށައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ދެމުންދާ ބާރުގަދަ ހަމަލާތައް މިހާރު ވަނީ އީރާނުގެ ބައެއް ސަރަހައްދުތަކަށް ފޯރާފައެވެ.
ޔަހޫދީ ފައުޖުން އީރާނަށް މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ބިޔަ އަސްކަރީ ލަޝްކަރެއް އީރާން ކައިރިއަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. މި ލަޝްކަރުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެއްސްއެސް އެބްރަހަމް ލިންކަން ވެސް ހިމެނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާން ކައިރިއަށް މިފަދަ ބިޔަ ލަޝްކަރެއް ޖަމާކުރައްވައި ހަމަލާ ދެއްވާނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދަވަނީ، އެމެރިކާއާއެކު މަޝްވަރާތައް ބޭއްވުމަށް އީރާނަށް ބިރުދެއްކުމުގެ ގޮތުންނެވެ.
މީގެ ކުރިން ވެސް މިފަދަ ހަމަލާތަކެއްގައި އެމެރިކާއިން ބައިވެރިވެފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ޖޫން މަހު ޔަހޫދީން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބައިވެރިވެފައިވެއެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނާއި އިސްރާއީލާ ދެމެދު 12 ދުވަހުގެ މުއްދަތަށް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ.
ޔަހޫދީ އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ވަނީ އީރާނަށް ހަމަލާ ދޭން ފަށާފައިވާކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައެވެ. އޭނާ މި ހަމަލާތައް ސިފަކުރެއްވީ ދިފާޢީ ގޮތުން ދިން ހަމަލާތަކެއްގެ ގޮތުގައެވެ. ނަމަވެސް، މިއީ އީރާނުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، އެ ޤައުމާ ދެކޮޅަށް ހިންގި ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ބެލެވެއެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ވެރިރަށް ތަހްރާން ހިމެނޭހެން އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ބާރުގަދަ ގޮވުންތަކުގެ އަޑުތައް ދަނީ އިވެމުންނެވެ.




