މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކާއި މަސްލަހަތު ހުރި ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އީރާނުން މި އިންޒާރު ދީފައިވަނީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އެ ގައުމަށް ހަމަލާދޭން ފެށުމާ ގުޅިގެން، އީރާނުން ރައްދު ހަމަލާތައް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މިހާތަނަށް އީރާނުން ދިން ހަމަލާތައް ޔޫއޭއީގެ ވެރިރަށް އަބޫ ދާބީއަށާއި ކުވައިތަށް އަމާޒުވެފައިވާ އިރު، ބަހްރެއިނުން ވަނީ އެ ގައުމުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް ހަމަލާ އަމާޒުވި ކަމަށް ބުނެފައެވެ. މީގެ އިތުރުން ގަތަރުން ވެސް ވަނީ އީރާނުން ފޮނުވާލި ހަމަލާއެއް އިންޓަސެޕްޓް ކޮށްފައެވެ. މި ހުރިހާ ގައުމުތަކަކީ ވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގައުމުތަކެވެ.
އީރާނުން މީގެ ކުރިން ވެސް ވަނީ އެ ގައުމަށް ހަމަލާދީފި ނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމަށާއި، އެމެރިކާގެ މަސްލަހަތު ހިމެނޭ ކޮންމެ ތަނަކަށް ހަމަލާ ދިނުމުގެ ހައްގު އޮންނާނެ ކަމަށް ބުނެފައެވެ.
މި ހަމަލާތަކާ ގުޅިގެން އިޒްރޭލު މިހާރު ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އިޒްރޭލުގެ އުތުރު ސަރަހައްދުގައި ސައިރަން އަޅައި، އާންމުން ބަންކަރުތަކަށް ވަނުމަށް އަންގާފައިވާ އިރު، ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނިގޮތުގައި މިއީ އީރާންގެ މިސައިލް ޕްރޮގްރާމާއި ކަނޑުގެ ސިފައިންގެ ބާރުތައް ނައްތާލުމަށް ދިން ހަމަލާތަކެކެވެ. ނަމަވެސް އީރާންގެ ވެރިން އުޅުއްވާ ސަރަހައްދުތަކަށް ހަމަލާ އަމާޒުވެފައި ވާތީ، މިއީ އީރާންގެ ވެރިކަން ބަދަލުކުރުމުގެ މަގްސަދުގައި ދޭ ހަމަލާތަކެއް ކަމަށް ބެލެވެއެވެ.
މި ހަމަލާތަކުގެ ކުރިން އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އަސްކަރީ މަނަވަރުތައް ޖަމާކޮށް، ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އަދި އިޒްރޭލުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އާއިލާތަކަށް އެ ގައުމުން ފޭބުމަށް ވެސް ވަނީ ލަފާދީފައެވެ.




