އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ތެރެއިން، ތެހެރާނުގައި ހުންނަ އަންހެންކުދިންނަށް ހާއްސަ ސްކޫލަކަށް މިސައިލް ހަމަލާއެއް އަމާޒުވެ ފަސް ދަރިވަރަކު ޝަހީދުވެއްޖެ ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވާކަން އީރާނުގެ ސަރުކާރުގެ ރަސްމީ މީޑިއާ، އިރްނާއިން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
އަލް ޖަޒީރާގެ ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާ އާއި އިސްރާއީލުން އިސްވެ އޮވެ ދެމުން ގެންދާ މި ހަމަލާތަކުގެ ބޮޑުބައެއް އަމާޒުވަމުންދަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. މި ހަމަލާތަކުގައި މިހާތަނަށް ޖުމްލަ ފުރާނަ ގެއްލުނު މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.
ނަމަވެސް، އެމެރިކާ އާއި އިސްރާއީލުން ބުނަމުންދަނީ ތެހެރާނަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ އަސްކަރީ މަރުކަޒުތަކަށާއި އީރާނުގެ ލީޑަރުން ދިރިއުޅުއްވާ ތަންތަނަށް ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ދާދި ފަހުން ނެރުނު ބަޔާނެއްގައި އީރާނަށް ހަމަލާދިނުމުގެ ސަބަބެއްގެ ގޮތުގައި ދައްކާފައިވަނީ މާ ކުރީގެ ތާރީޚީ ހަނގުރާމަތަކުގެ ހާދިސާތަކެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިސްރާއީލަށް ދިން ހަމަލާއަކީ ވެސް މި ހަމަލާތަކުގެ އެއް ސަބަބު ކަމަށް ޓްރަމްޕް ބުންޏެވެ.




