އިސްރާއީލާއި އީރާނާއި ދެމެދު ކުރަމުން އަންނަ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައި، އެއާޕޯޓް ހުއްޓުމަކަށް އައިސްފިއެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތް މި ދަނޑިވަޅުގައި، މި ސަރަހައްދުގެ ސަލާމަތީ ކަންކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަމަލާތަކާ ގުޅިގެން ދުބާއީ އެއާޕޯޓުގެ ހުރިހާ ފްލައިޓް އޮޕަރޭޝަންތަކެއް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. އެއާޕޯޓުގެ މަސައްކަތްތައް އަލުން ފަށާނެ ވަގުތެއް މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، މަސްރަހު ނުތަނަވަސްވުމުގެ ސަބަބުން 20 އަށްވުރެ ގިނަ އެއާލައިންތަކުން ވަނީ މެދުއިރުމަތީގެ ގައުމުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.
އީރާނުން މިއަދު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފައެވެ. ދުބާއީ ސިޓީއަށް ސީދާ ހަމަލާއެއް ދީފައި ނުވި ނަމަވެސް، މި ހަމަލާއާ ގުޅިގެން ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
އީރާނުން ވަނީ އަރަބި އެހެން ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް މިއަދު ހަމަލާތައް އަމާޒުކޮށްފައެވެ.



