މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ދަތުރުކުރާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން އެދެފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ޚާއްޞަކޮށް ހަމަލާތައް އަމާޒުވަމުންދާ ޤައުމުތަކުގައި ތިބި ދިވެހިން ބޭރަށް ނިކުމެ އުޅުން ވީހާވެސް މަދުކުރުމަށް އެދޭ ކަމަށެވެ.
އަދި އެ ޤައުމުތަކުގެ ސަރުކާރުތަކުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް އެ މިނިސްޓްރީން އެދިފައިވެއެވެ.
އެ ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީއާއި މެދުއިރުމަތީގެ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ވީމާ، ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ ދިވެހިން އެންމެ ކައިރީގައި ހުރި ދިވެހި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.


