ޢާންމު ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ޚިޔާލު ހޯދުމަށް މާލެ ސަރަޙައްދުގައި ’ވޯކް އެންޑް ޓޯކް‘ ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ފުލުހުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، މި ހަރަކާތަކީ ފުލުހުންނާއި ޢާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، އަމާން މުޖުތަމަޢެއް ބިނާކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންނާއި ރައްޔިތުންނާ ދެމެދު ހަރުދަނާ ގުޅުމެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށްފައިވެއެވެ.

މި ހަރަކާތާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ ވޯކް އެންޑް ޓޯކް ހަރަކާތުގައި 100އެއްހާ ސަރަޙައްދުތަކުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
”ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުރިއަށްގެންދާ ވޯކް އެންޑް ޓޯކް ހަރަކާތަކީ، ރައްޔިތުންނާ ގާތުން ދެފަރާތުން ގުޅިގެން، ހުރި ކަންކަން އިތުރަށް ދެނެގަނެ ކަންކަން އޮޅުންފިލުވައި މަޝްވަރާ ކުރުމަށް މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ހަރަކާތެއް. މި ހަރަކާތުގެ ތެރެއިން މާލެ ސަރޙައްދުގެ 100އެއްހާ ސަރަޙައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެފައިވޭ“. ޝިފާން ވިދާޅުވިއެވެ.

މި ހަރަކާތުގައި މާލެ ސަރަޙައްދުގެ ސީނިއަރ ލެވެލްގެ 250އެއްހާ ފުލުހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހަރަކާތުގެ ތެރެއިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންނާ ގުޅިގެން ޙައްލުކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ޙިއްސާކޮށްފައެވެ.




