އިރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މިއަދު ދިން މި ހަމަލާތަކުގައި ޚާމަނާއީގެ ގެކޮޅަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވެއެވެ. ހަމަލާ ދިން ވަގުތު ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ޚާމަނާއީ ސަލާމަތުން ހުންނެވި ކަމަށާއި، ހަމަލާދިން ވަގުތު ޚާމަނާއީ ތެހްރާންގައި ނެތް ކަމަށެވެ.
ނަމަވެސް މިރޭގެ ވަގުތެއްގައި ރޮއިޓާސް، ފޮކްސް އަދި އަލް ޖަޒީރާއިންވެސް ރިޕޯޓުކޮށްފައި ވަނީ، ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށާއި ޚާމަނާއީ ހަށިކޮޅުވެސް މިހާރު ފެނިފައިވާ ކަމަށެވެ.
ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިރާނުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޚާމަނާއީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދިން ހަމަލާތަކުން ލިބުނު ގެއްލުމުގެ ބަދަލު ހިފުމަށްޓަކައި، މީހުންގެ ސިކުނޑިތަކާ ކުޅުމަށް އެމެރިކާއާއި އިސްރާއީލުން ކުރާ މަސައްކަތެއް ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ މިރޭ މީޑިއާތަކާ ވާހަކަ ދައްކަމުން ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް ބުނެފައެވެ.
ނަތަންޔާހޫ ބުނީ، ޚާމަނާއީ މިހާރު ދުނިޔޭގައި ނެތްކަމުގެ ގިނަ ހެކިތަކެއް އެބަހުރި ކަމަށާއި، މިއަދު ހެނދުނު ދިން ހަމަލާތަކަކީ އިރާނުގެ ސަރުކާރުގެ އިސްވެރިންނާއި، ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރުންގެ އިތުރުން ނިއުކްލިއާ ޕްރޮގްރާމްގެ އިސް ބޭފުޅުންނަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.




