އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ދޮގުކޮށްފިއެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށާއި، ޚާމަނާއީ މިވަގުތު ގެންދަވަނީ ގައުމުގެ ސިފައިންނަށް ބޭނުންވާ އިރުޝާދުތައް ދެއްވަމުންނެވެ.
އީރާނުން މިކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ މީޑިއާތަކުން ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް ބުނެ ހަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުގެ ”ތަސްނިމް“ އަދި ”މެހްރް“ ނިއުސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާމަނާއީ އަވަހާރަވި ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫނެވެ.
އީރާނުން މި ވާހަކަތައް ދޮގުކުރި ނަމަވެސް، އިސްރާއީލުގެ މީޑިއާތަކުން ވަރަށް ޔަގީންކަމާއެކު ރިޕޯޓްކުރަމުންދަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށެވެ. އަދި ޚާމަނާއީ ހަށިކޮޅު ފެނިފައިވާ ކަމަށްވެސް އިސްރާއީލުގެ ބައެއް މަސްދަރުތަކުން ވަނީ ބުނެފައެވެ.
އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން އިއްޔެ އީރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި އެންމެ ފުރަތަމަ އަމާޒުކޮށްފައިވަނީ ތެހެރާނުގައި ހުންނަ ޚާމަނާއީ ދިރިއުޅުއްވާ ގަނޑުވަރަށެވެ. އިސްރާއީލުން ބުނެފައިވާ ގޮތުގައި އެ ހަމަލާގައި ގަނޑުވަރު ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ.
ގަނޑުވަރަށް ދިން މި ނުރައްކާތެރި ހަމަލާއާ ގުޅިގެން އީރާނުގެ އޮފިޝަލުން މީގެ ކުރިން ބުނެފައިވަނީ، ހަމަލާދިން ވަގުތު ޚާމަނާއީ ގަނޑުވަރުގައި ނޫޅުއްވާ ކަމަށެވެ. އެހެންކަމުން ޚާމަނާއީ ފުރާނައަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާ ކަމަށް އީރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.




