މާލޭގެ ވެލާނާގެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އެ ސަރަޙައްދުގައި އިތުރު ސައިކަލު ޕާކިން ޒޯނެއް މިއަދު ހުޅުވައިފިއެވެ.
މި ޕާކިން ޒޯން ތަރައްޤީކޮށްފަވަނީ ވެލާނާގެ ކުރިމަތިން އޮންނަ ހުސް ޖާގައިގައެވެ.
މި މަސައްކަތަކީ ކޮންސްޓްރަކްޝަން މިނިސްޓްރީން ރޯޑް ޑިވެލޮޕަމްންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. އަލަށް ހުޅުވި މި ޕާކިން ޒޯނުގައި ޖުމުލަ 224 ސައިކަލު ޕާކު ކުރެވޭނެ ސްލޮޓް ހިމެނެއެވެ.
ވެލާނާގެ ހިމެނޭ ސަރަޙައްދަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުރުމުގެ އިތުރުން، އެކި ޚިދުމަތްތައް ހޯދުމަށް ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރާ ސަރަޙައްދަކަށް ވުމުން، މި އާ ޕާކިން ޒޯނާއެކު އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މާލޭގެ ޕާކިން މައްސަލަ ދާއިމީކޮށް ޙައްލުކުރުމަށްޓަކައި މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިން ބިލްޑިންގްތައް އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ވިދާޅުވެފައިވަނީ، މާލެ އާއި ވިލިމާލޭގައި ޕާކިން ފެސިލިޓީތައް އެކަށައެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޗާންދަނީ މަގުގައި ހުރި ކުރީގެ އަރަބިއްޔާ ސްކޫލް ބިމުގައި ޕާކަކާއެކު ޕާކިން ޒޯނެއް ތަރައްޤީކުރުމާއި، ބްރިޖްގެ މަސައްކަތް ނިމެންވާއިރަށް ވިލިމާލޭގައިވެސް ޕާކިން ބިލްޑިންއެއް އެޅުމަށް ވަނީ ރޭވިފައެވެ.
ސަރުކާރުގެ އަމާޒަކީ މާލެ ސަރަޙައްދުގައި ޖުމްލަ 7,500 އެއްހާ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ 15 ޕާކިން ބިލްޑިންއެއް ބިނާކުރުމެވެ. މި މަސައްކަތަށް އެޗްޑީސީއާއެކު މިހާރު ވަނީ އެއްބަސްވުމެއް ގާއިމުކޮށްފައެވެ.
މިނިސްޓަރު އަމީނު ވިދާޅުވި ގޮތުގައި، މި އިމާރާތްތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 4 މަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެއެވެ.



