ކ. މާފުށްޓާއި އެރަށުން އަލަށް ހިއްކާފައިވާ ސަރަޙައްދު ގުޅުވާލަދޭ ކޯޒްވޭގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުގެ އިތުރުން އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫޢުގެ ދަށުން މާފުށްޓާއި އެރަށުގެ ހިއްކާފައިވާ ސަރަޙައްދު ގުޅާލުމަށް 137 މީޓަރުގެ ކޯޒްވޭއެއްއެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ ޖުމްލަ 35.42 މިލިޔަން ރުފިޔާއަށް، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ މާފުށީގައި މި ކޯޒްވޭ އެޅުމުން، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެމްޓީސީސީން ބުނިގޮތުގައި އެ ސަރަޙައްދުން ބޯހިޔާވެހިކަމާއި، ސިނާޢީ އަދި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރާއިރު، މި ކޯޒްވޭގެ ސަބަބުން މުދާ އުފުލުމާއި ލަފާފުރުމުގެ ކަންކަން ހަރުދަނާވެ، ރަށުގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެގެންދާނެއެވެ.
ކ. މާފުށި ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާފައިވަނީ 2021 ވަނަ އަހަރުއެވެ. ބިން ހިއްކާފައިވަނީ ރަށުގެ ފަޅުތެރެއިން ވަކި ބިމެއްގެ ގޮތުގައެވެ. މާފުއްޓާއި ހިއްކި ސަރަޙައްދު ގުޅާލުމަށް ހަމަޖެހިފަވަނީ ދަށުން އޮއި ދެމޭގޮތަށް ހަދާ ބްރިޖަކުންނެވެ.




