ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ހެނދުނު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ، ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ.
އަދި ސަރުކާރުގެ ވަޒީރުން ނޫސްވެރިންނާ ބައްދަލުކުރައްވާ ސިލްސިލާ ބައްދަލުވުންތައް ވެސް މިއަދު ފެށިފައިވާ ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، މީޑިއާއާ އެމަނިކުފާނު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ކޮންމެ ހަފްތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
އެގޮތުން މާރިޗް މަހުން ފެށިގެން އާންމު އުސޫލެއްގެ ގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނަށް ވަގުތު ދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



