އިސްރާއީލުން ފަލަސްތީނުގެ ބިންތައް ސުންނާފަތި ކުރަމުންދާ ކަމަށާއި، އިސްރާއީލަކި ޓެރަރިސްޓް ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިސްރާއީލުން ފަލަސްތީނު ސުންނާފަތި ކުރަމުންދާ ދިއުމާއި، އިރާނަށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
”އިސްރާއީލުން އިރާނަށް ހަމަލާދިނުން ގޯސް. އިސްރާއީލަކީ ޓެރަރިސްޓް ގައުމެއް، ފަލަސްތީން އެދަނީ ސުންނާފަތި ކުރަމުން،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިރާނާއި އެމެރިކާއިން ދޭ ހަމަލާތައް ވެސް ކުށްވެރިކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިއްޔެ ޔޫއޭއީގެ ރައީސްއާ ގުޅުއްވާފައިވާއިރު، މިއަދުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ އިތުރުން ގަތަރާއި ބަހްރޭންގެ ވެރިންނާ ވެސް ގުޅުއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ތެލާއި ފަތުރުވެރިކަމުގެ ދާއިރާގައި މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވާތީ، ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި މި ދަނޑިވަޅުގައި ރާއްޖެ އޮތީ އިސްލާމީ ގައުމުތަކާއެކުކަން ހާމަކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާކަން ފާހަގަކުރައްވައި، މި ސަރުކާރުން އެ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ދާދިފަހުން ބޭއްވި އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ވެސް، ފަލަސްތީނުގެ ހައްގުގައި ހަމައެކަނި ބަޔާން ނެރުމުގެ ބަދަލުގައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.



