އެމެރިކާ އާއި އިސްރާއީލުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އީރާނަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 555 އަށް އަރާފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓުން މިއަދު ހާމަކޮށްފިއެވެ.
އީރާނުގެ ރެޑް ކްރެސެންޓުން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ، ޒަޔަނިސްޓުންނާއި އެމެރިކާއިން ގައުމުގެ އެކި ހިސާބުތަކަށް ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކުގައި 131 ސިޓީއަކަށް ގެއްލުންވެފައިވާ ކަމަށެވެ.
އަދި މި ހަމަލާތަކުގައި މަރުވި މީހުންނަކީ ގައުމުގެ ބަތަލުންގެ ގޮތުގައި އެ ޖަމާއަތުން ވަނީ ސިފަކޮށްފައެވެ.
ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑް ކްރެސެންޓުގެ 100,000 އަށް ވުރެ ގިނަ މުވައްޒަފުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާއިރު، އިތުރު ހަތަރު މިލިއަނެއްހާ ވޮލަންޓިއަރުން ތިބީ ތައްޔާރީ ހާލަތުގައި ކަމަށް އެ ޖަމާއަތުން ބުނެއެވެ. މި ޓީމުތަކުން އިންސާނީ އެހީގެ އިތުރުން ނަފްސާނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާނެއެވެ.
އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެ ގައުމުން ގެންދަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. އެގޮތުން މިއަދު ވަނީ ކުވައިތުގައި ހުންނަ އެމެރިކާ އެމްބަސީއަށާއި ބަހްރެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ.
މީގެ އިތުރުން، ސައޫދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާއަކަށް އީރާނުން ދޭން އުޅުނު ޑްރޯން ހަމަލާއެއް ސައޫދީ އަސްކަރިއްޔާއިން ވަނީ ނާކާމިޔާބުކޮށްލާފައެވެ. ނަމަވެސް، ޑްރޯން އިންޓަސެޕްޓު ކުރުމުގެ ތެރޭގައި ހިނގި ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ސައޫދީން ރިޕޯޓުކޮށްފައިވެއެވެ.
މި ހަމަލާތަކުގެ އަސަރު ސަރަހައްދުގެ ޓެކްނޮލޮޖީގެ ހިދުމަތްތަކަށް ވެސް ވަނީ ފޯރާފައެވެ. ބަހްރެއިން އާއި ޔޫއޭއީގައި ހުންނަ އެމެޒަންގެ ޑޭޓާ ސެންޓަރުތަކަށް ދިން ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގެ ކްލައުޑް ސާވިސްތަކަށް ބުރޫއަރައި ހިދުމަތްތައް ވަނީ މެދުކެނޑިފައެވެ.




