އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމުގެ ސަބަބުން، ޤަޠަރުން ގޭސް އުފެއްދުން މިއަދު މެދުކަނޑާލައިފިއެވެ.
މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ފެބްރުއަރީ 28 އިން ފެށިގެން ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އީރާނުން ދަނީ އިސްރާއީލުގެ އިތުރުން މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ތިބި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ޙަމަލާދެމުންނެވެ. މި ކުރިމަތިލުންތަކުގެ ތެރެއިން އީރާނުން ދިން ޙަމަލާއެއް ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑު އެއް ތެޔޮ ސާފުކުރާ ކާރުޚާނާއަށް އަމާޒުވުމާ ގުޅިގެން އެތަން ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ އިތުރުން އިރާޤުން ވެސް ވަނީ ތެޔޮ އުފެއްދުން މެދުކަނޑާލާފައެވެ.
ޤަޠަރުގެ ނިންމުމާއެކު ޔޫރަޕުގެ ބާޒާރުގައި ގޭހުގެ އަގުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ނެދަލޭންޑްސްގެ ޓީ.ޓީ.އެފް ހަބްގައި މުއާމަލާތްކުރާ ގޭހުގެ އަގު 45 އިންސައްތަ އުފުލި، މެގަވޮޓް ގަޑީރަކަށް 46 ޔޫރޯއަށް ވަނީ އަރާފައެވެ. ހަމައެއާއެކު އިނގިރޭސިވިލާތުގެ އެން.ބީ.ޕީ މިންގަނޑުން ބަލާއިރު އެ ޤައުމުގެ ގޭހުގެ އަގުތައް ވެސް ވަނީ ބާރުމިނެއްގައި މައްޗަށް ގޮސްފައެވެ.
ހަކަތައިގެ ބާޒާރަށް އައި މި ބަދަލުތަކާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 13 އިންސައްތަ އުފުލި، 82 އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މި އަގުތައް އުފުލެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ތެލާއި ގޭސް އުފުލުމަށް ކުރިމަތިވެފައިވާ ހުރަސްތަކެވެ.
ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުގެ ޙަމަލާތަކުގައި އީރާނުގެ ސާފުނުކުރާ ތެލުގެ 90 އިންސައްތަ އުފައްދާ ކާރުޚާނާއަށް ވަނީ ޙަމަލާ އަމާޒުވެފައެވެ. ނަމަވެސް އެތަނަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ހާމައެއް ނުކުރެއެވެ.
އީރާނަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 4.5 އިންސައްތަ ޙިއްޞާކުރާ، އޯޕެކްގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމެވެ.



