ގދ. ފަރެސްމާތޮޑާގެ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
މި މަޝްރޫޢަކީ ޖުމްލަ 209.43 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 780 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މަޝްރޫޢެކެވެ. މަޝްރޫޢުގެ ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1,462 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން 733 މީޓަރުގެ ރިވެޓްމެންޓާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ރަށުގެ އުމްރާނީ ތަރައްޤީއަށް މުހިންމު އިތުރު މަސައްކަތްތަކެއްވެސް ކުރެވޭނެއެވެ. އޭގެ ތެރޭގައި 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުން ހިމެނެއެވެ.
ފަރެސްމާތޮޑާއަކީ މަސްވެރިކަމަށް ނަން މަޝްހޫރު އަދި އެއާޕޯޓެއްވެސް އޮންނަ ރަށަކަށް ވުމުން، އެ ރަށުގެ ބަނދަރަށް އޮންނަ ބާރު ބޮޑުވެ، ޖާގައިގެ ދަތިކަން ރައްޔިތުން ދަނީ ވަރަށް ބޮޑަށް ތަހައްމަލު ކުރަމުންނެވެ.
މި މަޝްރޫޢު ނިމުމުން އުޅަނދުފަހަރު އެޅުމަށާއި، މުދާ ބަރުކުރުމުގެ އިތުރުން ލަފާފުރުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.




