’ބިންވެރިޔާ‘ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ’ގެދޮރުވެރިޔާ‘ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓް ލިބޭނެ ކަމަށް ބުނެ، އޮޅުވާލައިގެން ސްކޭމްތަކެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ގޯއްޗާއި ފުލެޓު ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ޢާންމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ.
އެހެންކަމުން، ރަސްމީ އުޞޫލުތަކުން ބޭރުން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.
ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފުލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާގެ ނުވަތަ އެފަދަ އެހެން އެއްވެސް މުއާމަލާތެއް ނުކުރުމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ ސްކޭމްތަކުގެ މަޅީގައި ޖެހި، އާންމުންގެ މުދަލާއި ފައިސާއަށް ގެއްލުންވިޔަ ނުދިނުމަކީ ސަރުކާރުގެ ބޮޑު އިސްކަމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފައިވާ އުޞޫލެއް ނުވަތަ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި، ފުލެޓު ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުޢާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.




